
ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، މަގުތައް ތަރުތީބުކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަސައްކަތަކީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަން ހައްލުކޮށް، މަގުތަކުގެ ތަރުތީބު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އޮޕަރޭޝަން ރަސްމީކޮށް އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ޓޯވޔާރޑް ކައިރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އާއި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ފާހަގަކުރެއްވީ މަގުމައްޗަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ދޫކޮށްލުމުން ޕާކުކުރުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މިގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުރުމުން ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، އެފަދަ އުޅަނދުތައް ނެގުމަށް އެދިވަޑައިގެންނެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެންނެވެ. މީގެ އިތުރުން ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ފަދަ ސަރުކާރު ކުންފުނިތަކުންވެސް މި އޮޕަރޭޝަނުގައި ބައިވެރިވެއެވެ.
ޑިސެންބަރު 6 އިން 9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ހުޅުމާލޭގެ މަގުތަކުގައި ދުއްވައި ހަދާ ފަރާތްތަކަށާއި، ޕާކްކުރާ ފަރާތްތަކަށް ހުރި ދަތިތައް ކުޑަކޮށް، ރައްކާތެރި މާޙައުލެއް ޤާއިމުކުރުމެވެ.