navLogo

ރައީސް މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް ޑރ. މުއިއްޒު މާފަންނު ރައްޔިތުންނާއި ބައްދަލުކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
މަރިޔަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ހެންވޭރުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާދަމާ (ޑިސެމްބަރު 7) ވާ ބުރާސްފަތި ދުވަހުގެ ރޭ ހަމަޖެހިއްޖެއެވެ. މި ބައްދަލުވުން އޮންނާނީ ރޭ 20:30 ގައި ކަލާފާނު ސްކޫލްގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ އޮންނާނެ ކަމަށެވެ.

Loading tweet...

ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ބައްދަލުވުމަށް ހެންވޭރުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް މިފަދަ ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު މަހުގެ 17 ގައެވެ. އެފަހުން، ރައީސް ވަނީ ވިލިމާލެ، މާފަންނު އަދި މައްޗަންގޯޅީގެ ރައްޔިތުންނާއި މިހާތަނަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ޝަކުވާތައް ރައީސް ގެންދަވަނީ ސީދާ އަޑުއައްސަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ.

Rate this article

Leave a Comment

Comments (0)